ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން 01 ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން 01 ފަރާތާއެކު ޖުމްލަ 02 ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައި ކަމަށެވެ. ބާކީ ތިބި 48 ޙައްޖުވެރިން ފުރާފައިވަނީ މިއަދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 50 މީހުން ހޮވާފައިވާނީ އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުން ކަމަށެވެ. ޖުމްލަ 60 މީހުންގެ ގުރުއަތެއް ނަގާފައިވާއިރު، އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 ފަރާތާއި ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 ފަރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

[]އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައި ކަމަށެވެ. އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ދީފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މި 50 ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ޚަރަދު ދަޢުލަތުގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ ޢިއުލާނުކުރައްވާފައެވެ.



