ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭން ފަށާފައިވަނީ މިއަދު ކަމަށެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް އެދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށާއި އަދި މެންދުރު 12:00ގެ ފަހުން ހުށަހަޅާ ފޯމުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިގޮތަށް ނިންމީ ޕީޖީ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ފޯމު ހުށަހަޅާ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތް ނަމަ އެ ލިޔުން ވަގުތުން ލިބޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު 10 މިނެޓުގެ ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް މިހާރުވެސް ދެމުން އަންނަ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.
މީގެ ކުރިން ޕީޖީ އޮފީހަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ.



