ރާއްޖޭގައި ހިންގާ ނުރައްކާތެރި މާރާމާރީތަކާއި ވަޅި ހެރުމުގެ ޙަމަލާތަކުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ބައިވެރިވާކަމީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ މައްސަލައެކެވެ. ޤާނޫނީ ގޮތުން 18 އަހަރު ނުފުރޭތީ އެކުދިންނާ މެދު އެޅޭ މާ ބޮޑު ފިޔަވަޅުތަކެއް ނޯވެއެވެ.
އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ޖިނާޢީ މަސްޢޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި އޮންނައިރު، ކުށް ކުރުމުގައި ޝާމިލުވެ އުޅޭ 15 އަހަރު ނުވާ ކުދިން ކޮންމެ ފަހަރަކުވެސް ހައްޔަރުކުރުމުގެ ބަދަލުގައި ގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށެވެ. އެތަނަށް ގެންގޮސް ޢާއިލާއަށް ގުޅައި، އެމީހުން ގެނެސް ޙަވާލުކޮށްފައި ޖެހެނީ ފޮނުވާލާށެވެ. މި އުމުރުގައި އޮންނަނީ އެ ކުދިން ކުށް ކުރުމާ ދުރުކޮށް، ފަރުވާ ދީ، ރިހެބިލިޓޭޓް ކުރުމަށް ފިޔަވަޅު އެޅުން ކަމަށް ވިޔަސް ޤާނޫނުގައި ބުނާ އެއިން އެއްވެސް ވަޞީލަތެއް ޤާއިމްކޮށްފައެއް ނެތެވެ.
މި ޙަފްތާގެ ތެރޭގައި ސޯޝަލް މީޑީއާގައި ދައުރުވި ވީޑިއޯއެއްގައި ފެނިގެންދަނީ ކ. ގުރައިދޫގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ މަންޒަރެވެ. އެ ވީޑިއޯ ޙިއްސާކުރައްވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ ކ. ގުރައިދޫގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ސައިކަލެއްގައި ދަނިކޮށް، ފުލުހުން އެ ކުއްޖާ ހުއްޓުވައި މަޢުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ބެލެނިވެރިންނާ ޙަވާލުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވެފައިވެއެވެ.
"ތިޔަ ހައްދަވަނީ ވަރަށް ބޮޑު ގޯހެއް! ފުލުހަކަށް މަރުގެ އިންޒާރު އެދެނީ ބާލިޣުވެ ތަކުލީފު ލިބިގެންވާ ބޮޑު ފިރިހެނެއް. މިހާރުން މިހާރަށްވެސް ޤާނޫނު ބަދަލުކޮށްގެން ވިޔަސް އެފަދަ މީހުން ހުއްޓުވަން ޖެހޭ! އޭނާގެ އެހުރި އަޚުލާޤަށް ބަލާއިރު ކޮންމެ ކަމެއް ކުރަންވެސް ފަސް ނުޖެހޭނެ." ޝިފާން ލިޔުއްވާފައިވާ ޕޯސްޓަށް ރައްދު ދިނުމުގެ ގޮތުން މީހަކު ލިޔެފައިވެއެވެ.

އިތުރު މީހަކު ކޮމެންޓު ކޮށްފައިވަނީ "17 އަހަރުގެ "ކުއްޖެއް"" ޖެހުމަށްފަހު ޖޯކަރ މޫނެއްގެ އިމޯޖީ ލާފައެވެ. ހަޤީޤަތުގައިވެސް މިފަދަ ކުދިންނަކީ ހެވާއި ނުބައި ރަނގަޅަށް ދަންނަ ކުދިންކަން ކަށަވަރެވެ. މިއީ ކުށްތަކުގައި އުޅޭ ކުޑަކުދިންގެ ޢަމަލުތައް ހުންނަ ގޮތުގެ ކުޑަ މިސާލެކެވެ. އެކުދިންނަށް ދޭންޖެހޭ އަދަބުތައް ނުދެވި، އެކުދިން ކުރާ ކުށްތަކަށް އެމީހުން ޒިންމާދާރު ނުކުރެވުމުގެ ސަބަބުން އިތުރަށް ޙަލާކުވެގެންދަނީ އެކުދިންގެ މުސްތަޤުބަލެވެ.
ބޮޑެތި ކުށްތައް ކުރާ ކުދިން އިތުރުވެފައި
މަތީގައި ފާހަގަކުރި ވީޑިއޯގައިވެސް އަޑު އިވޭ ފަދައިން އެ ކުއްޖާ ވަނީ ފުލުހުންނަށް މަރުގެ އިންޒާރު ދީފައެވެ. "ތި* ހަނދާން ކުރައްޗޭ އިނގޭ، ތި* އަނބުރާ މި ދުނިޔެއަށް ނޭވާ ނުލާނެ އިނގޭ." މިފަދަ ބަހެއް އެކުއްޖާ ބުނެފައިވާއިރު ޤާނޫނުތައް ނަގަހައްޓާ މީހުންނަށް އެފަދަ ޙަމަލާތަކާއި އިންޒާރުތައް ދޭކަމީ ކުޑަ ކަމެއް ކަމަށް ހަދާފައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ.
މަރުގެ ޙަމަލާތަކުގައި ބައިވެރިވާ ކުޑަކުދިންގެ އަދަދުވެސް ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ އިރު، މި މައްސަލައަށް އެދެވޭ ޙައްލެއް އަވަހަށް ހޯދައި ނުދެވިއްޖެ ނަމަ ކުރިއަށް އޮތީ ވަރަށް ބިރުވެރި ދުވަސްތަކެއްކަން ކަށަވަރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 759 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 244 މައްސަލައެއް ހުށަހަޅާފައިވާއިރު، މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލައާއި، މަކަރާއި ޙީލަތް ހެދުމުގެ 25 މައްސަލައާއި އަދި ޖިންސީ ގޯނާގެ 13 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ފޭރުމުގެ 36 މައްސަލައަކާއި އެއްޗެހި ގެއްލުމުގެ 78 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އޮތް އިރު، ރާއްޖޭގައި ހިންގާ މީހުން މެރުމުގެ ބޮޑެތި ކުށްތަކުގައި ވެސް 18 އަހަރުން ދަށުގެ ކުދިންގެ ބައިވެރިވުން އިތުރުކަން ފާހަގަކުރެވެއެވެ.
ޤާނޫނުން ލިބިދޭ ރައްކާތެރިކަމުގެ ނާޖާއިޒް ފައިދާ
ރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތު ވެގެން އެ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ވުމަށް ފަހު ވެސް، އެ ކުށަށް މަރުގެ އަދަބު ނުދެވޭނެއެވެ.
ދިވެހި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ނުފުރެންޏާ އެއީ ކުޑަކުއްޖެކެވެ. ގާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަން ވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަ ނުވާ ކުދިންނަށެވެ.

[]ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ނ) އިސްތިސްނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، " ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެ ކަމަށެވެ. އަދި މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް މި ގާނޫނުގައިވާ ގޮތަށް އަދަބު ކަނޑައަޅަން ވާނީ އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވުމަށް ފަހުގައި ކަމަށް ބުނެފައިވެއެވެ.
ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައި ނުވާތީއާއި، އެ ކުދިންނަކީ ދަޢުލަތުގެ ފަރާތުންނާއި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ބާރުން، ބާރު ހޯދާ ދީގެން އުމުރުން 18 ނުފުރުމަކީ ކުށް ކުރުމަށާއި ކުށުގެ އަމަލުގައި ބައިވެރި ކުރުވުމަށް އޮތް ލައިސަންސަކަށް ވަނީ ވެފައެވެ.
ޤާނޫނުން ލިބިދޭ ރައްކާތެރި ކަމުގެ ނަޖާއިޒު ފައިދާ ނަގައިގެން ކުށްތަކަށް އަރައިގަނެވޭ ގޮތަށް އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ނަގަނީ އިންތިހާއަށެވެ. ޤާނޫނުން ލިބިދޭ ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބި ދިނުމުގެ ވަގުތަކީ ކުށެއް ސާބިތުވެ އުޤޫބާތް ކަނޑައަޅާ ވަގުތު އެކަންޏެވެ.
މީހުން މެރުމާއި މަރާމާރީ ހިންގުމާއި ޑްރަގް ޓްރެފިކިންގއާއި ވައްކަން ކުރުމާއި ފޭރުން ފަދަ މުޖުތަމަޢަށް ނުރައްކާތެރި ކުށްތައް ކުރުމުގައި 18 އަހަރު ނުފުރޭ ކުދިން އަމިއްލަ އިސްނެގުމުގައި އުޅެނީ މަދެއްކޮށް ނޫނެވެ. ބޮޑެތި މީހުންނާ ބައިވެރިވެގެންނާއި ބައިވެރިކުރުވައިގެން އަމަލީ ގޮތުން 18 އަހަރު ނުވާ ކުދިން އުޅޭތަން ފެންނަނީވެސް މާ ގިނައިންނެވެ.
ބިޑިއެއްވެސް ބޭނުމެއް ނުކުރެވޭ
ކުޑަކުދިން ހައްޔަރުކުރުމުގައި ބޭނުންކުރެވޭ އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ޙާލަތެއްގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެ ޤާނޫނުގައި މަނާ ލިސްޓެއްވެސް އޮވެއެވެ. އެއީ:
- ވަޅި އާއި ބަޑި
- ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ
- ޓޭޒާ ނުފަދަ އެފަދަ އެއްޗެއް
- ޕެޕަރ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް
- ސްޓްރެއިޓް ޖެކެޓް
- ތަދު އިހުސާސްކޮށްދޭ އެއްޗެއް
ޤާނޫނުގައި އޮންނަ ގޮތުން ކުޑަކުއްޖަކު ހައްޔަރުކުރާއިރު އެންމެ ފުރަތަމަ މަސައްކަތް ކުރަން ވާނީ އެ ކުއްޖާއާ ވާހަކަ ދައްކައިގެން އެ ކުއްޖާގެ އެއްބާރުލުން ހޯދުމަށެވެ. ނަމަވެސް މިހާރު ކުށުގެ ވެށީގައި ބޮޑުވާ ގިނަ ކުދިންނަކީ އެއްވެސް ގޮތަކަށް ފުލުހުންނަށް އެފަދަ ކަންކަމުގައި އެއްބާރުލުންދޭ ކުދިންނެއް ނޫނެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނާ ގޮތުން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ނޫނީ ކުއްޖަކު ހައްޔަރުކޮށްގެން ނުވާނެ އެވެ. އަދި ކުއްޖާ ބަންދުކުރުން އެއީ އެ ނޫން އެހެން ފިޔަވަޅުތައް އެކުއްޖާއާ މެދު އެޅުމަށް ފަހު އަދި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށް ފަހު، އެޅޭ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައި ވެސް ވާންޖެހެއެވެ. ކުށުގެ ބޮޑުމިނާއި ހާލަތަށް ބަލައި ކުދިން ބަންދުކުރެވޭނެ ކަމަށް ޤާނޫނުގައި އޮތަސް ކުދިން ބަންދުކޮށްގެން ގެންގުޅެން ޤާނޫނުން ދައްކާ ތަނެއް ނެތެވެ. އެހެންވެ ޤާނޫނުގައި އޮންނަ ގޮތަށް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމާއި ނަސޭހަތްދިނުމާއި އިންޒާރުދޭން ޖެހެނީއެވެ. މި ކަންކަމުގެ ތެރެއިން އޮންނަ ކަންކަމަކީ:
- ● ފިޔަވަޅެއް ނާޅައި ދޫކޮށްލުން
- ● އަނގަބަހުން ނަސޭހަތް ދިނުން
- ● ނުރަސްމީ އިންޒާރެއް ދިނުން
- ● ރަސްމީ އިންޒާރެއް ދިނުން
- ● ކޮމިއުނިޓީ ކޮންފަރެންސިން ބޭއްވުން
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ވެސް، އުމުރުން 15 ނުވާ، ޖިނާއީ މަސްޢޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ 18 އަހަރު ނުވާ އެއްވެސް ކުއްޖަކީ ކުށް ކުރާ ކުދިން ކަމަށް ނުބެލުމަށް ވެސް އޮވެއެވެ. މި ކުދިން ކުށުގެ ވެރިން ދުރުކުރުމަށް އޮންނަނީ އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގައި އަދި އެ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިވިރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައެވެ.
ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ޚާއްސަ ސަމާލުކަމެއް
ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ޚާއްސަ މަރުކަޒެއް ނެތުމަކީވެސް ކަންބޮޑުވުމެކެވެ. ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުދިންނާއި ޒުވާނުން މުޖުތަމަޢަށް އަނބުރާ އަޙުލުވެރި ކުރުމަށްޓަކައި ބޮޑެތި ޖަލު ޙުކުމްތައް ކުރުމާއި، ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި އިޖްތިމާޢީ ޚިދުމަތުގެ ޚާއްސަ ވެށްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމްތަކެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.
މީގެ އިތުރުން މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމަޢުގައި ޤާނޫނަށް ބޯލަނބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށްދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމްކުރުމަކީވެސް އެމަނިކުފާނު މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.
ކުރާ ކުށްތަކަށް ޒިންމާދާރު ކުރުވަނީ
މި ސަރުކާރުގެ ވިސްނުމަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން މިފަދައިން ވިދާޅުވެފައިވަނީ އއ. ރަސްދޫގައި ތަރާވީޙް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީ ކުރުމުގެ މައްސަލައިގައި ކުޑަކުދިންތަކެއް ޝާމިލްވެފައިވާތީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

[]އެ ކުއްޖާއަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ. އެ މައްސަލައިގައި ޝާމިލުވަނީ 13 އަހަރާއި 14 އަހަރުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާނު ވިދާޅުވީ، ކުށްކުރުމުން އެ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން މި ސަރުކާރުން ނިންމީ 15 އަހަރުން ދަށުގެ ކުދިން މެދުވެރިކޮށް ވެސް ކުށް ކުރުވުމުގެ މައްސަލަތައް ފެންމަތިވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އުމުރުން 12 އަހަރުން މައްޗަށްދާ ކުދިން ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ބަދަލުކޮށްފައި، އެ ޒިންމާ ނެގުމަކީ ޖެހިގެން އަންނަ ދުވަހު އެކުއްޖާ ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުން،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު މިނިސްޓްރީން ކުރާ މަސައްކަތަކީ މިފަދަ ކުދިން ރިހެބިލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ. މި ޚިދުމަތް ދޭން ގަސްތުކުރަނީ ރަށެއްގެ ސިފައިގައި ކަމަށާއި އެރަށަށް ކުދިން ގެންގޮސް ކުދިން ތަރުބިއްޔަތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި، އަސާސީ ތައުލީމު އަދި ދީނީ އިލްމާއި ސްކިލް ޑިވެލޮޕްމަންޓް ވެސް އުގަންނައިދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

[]އޭނާ ވިދާޅުވީ މިކުދިން ލޯންގްޓާމް ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށްގެން ކަމަށެވެ. އަދި އަށާރަ އަހަރުވުމަށްފަހު އެކުދިންނަކީ ސިފައިގެން ނުވަތަ ފުލުހުންގެ ޚިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅާނެ ކަމަށާއި، އެއަށްފަހު ފަސް ވަރަކަށް އަހަރު ޚިދުމަތުގައި ތިބެފައި ދެން އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭނެކަމަށް އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސްގެ މި ސިޔާސަތުގެ ދަށުން ކަންކަން ކުރެވިއްޖެ ނަމަ، ގޭންގުތަކާ ގުޅޭ ކުޑަކުދިންނާއި މަގުމަތީ އުޅޭ ކުދިން އަދި ކުށްކުރާ ކުޑަކުދިން މަދުވާނެ ކަމަށެވެ.
މީގެ އިތުރުން އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުޅި ރާއްޖޭގައި ކުށްކުރާ 200 އެއްހާ ކުދިން ތިބިކަން ރެކޯޑުތަކުން ދައްކައެވެ.
އުމުރުން 15 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިންނަށް އެންމެ ރަނގަޅަށް ލިބިދެވޭނެ ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަމަކީ ކުށުގެ އަދަބު ތަންފީޒު ކުރުމެވެ. ޤިސާސް ހިފަން ޖެހުނަސް ޤިސާސް ހިފުމެވެ. ޤިސާސް ހިފުމުގައި ދިރުން ވާކަމަށް ކީރިތި ޤުރްއާން ބަޔާން ކުރެއެވެ.
ޤިސާސް ހިފުމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމު ކަމެކެވެ. ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން ކަމަށް ބުނާ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ޤާނޫނަކުން ޤިސާސް ހިފުން މަނައެއް ނުކުރެވޭނެއެވެ. އެކަން ކަށަވަރުވަނީ އިސްލާމު ދީނާ ތައާރަޒްވާ ގާނޫނެއް ނުހެދޭނެ ކަމަށް ބުނެފައި އޮންނާތީއެވެ.



