ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިންގަމުންދާ ލާ އިންސާނީ ޖަރީމާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 141 ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތަކުގައި ފަލަސްތީނުގެ 380 މީހުން ވަނީ ޒަހަމްކޮށްލާފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަނގުރާމަތީ މަތިންދާބޯޓުތަކުން ވަނީ ބުރެއިޖީ ރެފިއުޖީ ކޭމްޕުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ވަރަށް ވަރުގަދަ އަށް ބޮން އަޅާފައެވެ. ޔަހޫދީންގެ މި އަނިޔާވެރި ހަމަލާތަކުގައި އެ ރެފިއުޖީ ކޭމްޕުގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މެދުތެރޭ ޣައްޒާގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕު ހިފުމަށްޓަކައި އިއްޔެ އިން ފެށިގެން އެ ރެފިއުޖީ ކޭމްޕަށް ދެމުންދާ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކޮށްފައިވާތީ އެ ކޭމްޕުގައި ތާށިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ވަނީ އެތަން ދޫކޮށް އެހެން ތާކަށް ބަދަަލުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާތައް ވަރުގަދަ ކުރަން ފެށީ ޣައްޒާގެ ރައްޔިތުންނަށް އެ ފުރުޞަތު ދިނުމަކާ ނުލައެވެ
ޔަހޫދީންގެ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ދާން ފުރުޞަތު ނުދިނުމުގެ ސަބަބުން ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި މިއަދު ހެނދުނު ވެސް ޔަހޫދީންގެ ވައިގެ ހަމަލާއެއްގައި ޝަހީދުވި 5 މީހަކު ވަނީ ހޮސްޕިޓަލަށް ގެނެވިފައި ކަމަށާއި އެ 5 މީހުންގެ ތެރޭގައި ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.
ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގެ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ އެކި ދިމަ ދިމާލުގައި ހުރި އިމާރާތްތަކަށް ޔަހޫދީން ހަމަލާތައް އަމާޒުކުރުމުގެ ސަބަބުން އެ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުން ތިބޭނެ ކަމަށް ފަލަސްތީނުގެ ޕެރަމެޑިކް އޮފިޝަލުންނާއި ހަވާލާދީ ވަފާ ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.



