ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް، ފޯރިގަދަ މެޗަކުން ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކޮށް އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ތިން ގަޑިއިރާއި 38 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގައި، އުމުރުން 37 އަހަރުގެ ޖޮކޮވިޗް ވަނީ އަނިޔާއެއްގެ ސަބަބުން ފަރުވާ ހޯދަން ޖެހުނު ނަމަވެސް، ފަހަތުން އަރައި މޮޅުވެފައެވެ. މެޗުގެ ސެޓުތައް ނިމުނީ 4-6، 6-4، 6-3، 6-4 އިންނެވެ.
މެޗަށްފަހު ޖޮކޮވިޗް ވަނީ މިއީ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ފެނިގެންދިޔަ ފިރިހެނުންގެ އެންމެ ވަރުގަދަ މެޗު ކަމުގައި ބުނެފައެވެ. އަދި މެޗުގައި އަނިޔާވުމަށްފަހު އަލުން މެޗަށް ފޯކަސްކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވި އޭނާގެ ކޯޗު، އިނގިރޭސި ތަރި އެންޑީ މަރޭއަށް ޝުކުރު އަދާކޮށްފައިވެއެވެ.
ދިހަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ރެކޯޑު ހަދާފައިވާ ޖޮކޮވިޗަށް މެޗުގައި އަނިޔާވީ ފުރަތަމަ ސެޓުގެ ފަހުކޮޅުގައެވެ. ނަމަވެސް ފަރުވާއަށްފަހު ވަރުގަދަ ރޫހެއްގައި ކުޅެފައެވެ. މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފިނަމަ، 25 ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައި އިތުރު ރެކޯޑެއް ހެދުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
"ނޮވަކް (ޖޮކޮވިޗް) އެ ފޯމުގައި ކުޅެފިނަމަ، އޭނާ ބަލިކުރެވޭނެ ކުޅުންތެރިއަކު ހުންނާނެހެން ހިއެއްނުވޭ،" އަލްކަރާޒް ބުނެފައިވެއެވެ.
ޖޮކޮވިޗްގެ އިތުރުން އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ދެން ޖާގަ ހޯދީ ޖަރުމަނުގެ އަލެކްސަންޑާ ޒްވެރެވްއެވެ. އޭނާ ވަނީ އެމެރިކާގެ ޓޮމީ ޕޯލް އަތުން 7-6 (7-1)، 7-6 (7-0)، 2-6، 6-1 އިން މޮޅުވެފައެވެ.



