ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މި އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ބުނީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 6000ރ. ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕްލިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނޭޝަނަލް ލެވެލް 3 ގެ ސަނަދެއް ޙާސިލްކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މި އަހަރުގެ ޕްރޮގްރާމްގެ ދަށުން 7 ދާއިރާއަކުން ބައިވެރިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ:
ކޮމްޕިއުޓާ ހާޑްވެއަރ އެންޑް ނެޓްވޯކިންގް
ހެލްތް އެންޑް ސޭފްޓީ ކޮންސްޓްރަކްޝަން
ފްރަންޓް އޮފީސް
ގާޑަނިން
ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރު
މޭސަނަރީ
އިލެކްޓްރިކަލް އިންސްޓޮލޭޝަން
މި ޕްރޮގްރާމަށް އޮންލައިންކޮށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމް ނިމުމުން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މިއީ އެޗްޑީސީގެ ހަތް ވަނަ އެޕްރެންޓިޝިޕް ޕްރޮގްރާމް އެވެ.



