ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ ވެބިނަރ އެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބާއްވައިފިއެވެ.
މެލޭޝިއާ އެއާލައިންސް އާ ގުޅިގެން ބޭއްވި މި ވެބިނަރ ބާއްވާފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
އެމްއެމްޕީއާރުސީން ބުނީ މި ވެބިނަރގައި ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް އަމާޒުކޮށްފައިވާ ކަމަށެވެ.
މި ވެބިނަރގެ މައިގަނޑު މަޤުސަދަކީ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ޑެސްޓިނޭޝަން އަޕްޓޭޑްތައް ޙިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފައްދައި، ޖަޕާނުގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވުން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.
އެމްއެމްޕީއާރުސީ އިން މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ރާއްޖެ އިސްތިހާރު ކުރުމަށް ޖަޕާނުގެ ނޫސްވެރިންވެސް ގެނެސްފައެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ޖަޕާނުގެ ބައެއް ނޫސްވެރިން ރާއްޖެ ގެނެސްފައިވަނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި ދިނުމުގެ އިތުރުން ރާއްޖެއަށް ޖަޕާނުގެ ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރުސީ އިން އޭރު ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ޖަޕާނުން 9,333 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.



