އެސްޓަންވިލާގެ ސްޓްރައިކަރު ޖޯން ދޫރާން ގަތުމަށް ވެސްޓްހެމް ޔުނައިޓެޑުން ހުށަހެޅި 57 މިލިއަން ޕައުންޑުގެ އޮފަރ އެސްޓަން ވިލާއިން ދޫކޮށްލައިފިއެވެ. ވިލާއިން ބުނާ ގޮތުގައި ދޫރާން ވިއްކާލަން އެ ކުލަބުން ބޭނުމެއް ނުވެއެވެ.
ވެސްޓްހެމްގެ އައު މެނޭޖަރު ގްރެހެމް ޕޮޓަރ އަށް ދޫރާން މުހިންމެވެ. ދޫރާން ގަތުމަށް ކުރިންވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ވެސް ވިލާއިން އެދުނު އަގު ދިނުމަށް ވެސްޓްހެމްއަށް ނުކުޅެދުނެވެ.
21 އަހަރުގެ ކޮލަމްބިއާ ސްޓްރައިކަރު ދޫރާން ވަނީ މިދާކަށްދުވަހު ވިލާއާއެކު 2030 ވަނަ އަހަރާ ހަމައަށް އޭނާގެ ކޮންޓްރެކްޓް އައު ކޮށްފައެވެ. މި މޫސުމުގައި ޕްރިމިއަރ ލީގުގެ 19 މެޗުގައި ކުޅެ އޭނާ ވަނީ 7 ލަނޑު ޖަހާފައެވެ. ނަމަވެސް މެނޭޖަރު އުނާއީ އެމަރީ އެންމެ ގިނައިން ބޭނުންކުރަނީ އޮލީ ވޯޓްކިންސްއެވެ.
ދޫރާން ވިލާއާ ގުޅުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ އެމްއެލްއެސް ކުލަބު ޗިކާގޯ ފަޔަރ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ވިލާގެ 54 ލީގު މެޗުގައި ކުޅެފައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ އެންމެ ހަތް މެޗުގައެވެ.



