ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ ފައިސާ ބިލިއަނަކަށްވުރެ މައްޗަށް އަރާކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ގޮތުގައި ދަޢުލަތަށް ލިބެން ޖެހޭ ފައިސާ 1,765,704,400/-ރ އަށް އަރާ ކަމަށެވެ. މިއީ 10,619 ވަޒީފާދޭ ފަރާތުގެ ނަން މަތީގައި ރަޖިސްޓްރީ ކުރެވިފައިވާ 102,807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް މިނިސްޓްރީޏް ބުންޏެވެ.
މިނިސްޓްރީން ވަނީ ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތްތައް ޤާނޫނުން ލާޒިމުކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް މި ހިނގާ ޖޫން މަހުގެ 18ގެ ނިޔަލަށް ދެއްކުމަށް އަންގާފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ނުދައްކައިފިނަމަ އެ ފަރާތްތަކުގެ ވަނަވަރު އާންމުކޮށް އިޢުލާނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އައު ހުއްދަތައް ދޫކުރުން މުދެކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު 1500 އަށް ގުޅައިގެން ނުވަތަ xpat@1500help.mv އަށް އީމެއިލްކޮށްގެން ލިބޭނެ އިންތިޒާމް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.



