ބިދޭސީން ގެނައުމާ ގުޅޭ ކަންކަން މުރާޖަޢާ ކުރާތީ ޚިދުމަތް ލަސްވެދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއި ގުޅޭ އުޞޫލުތައް މުރާޖަޢާ ކުރުމާއި، މިހާރު ޢަމަލުކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާ ގާތުން އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މިނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ޚިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު 1500 އަށް ގުޅައިގެން ނުވަތަ xpat@1500help.mv އަށް އީމެއިލްކޮށްގެން ލިބޭނެ އިންތިޒާމް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި ތބި ބިދޭސީންނާ ގުޅޭ ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "އޮޕަރޭޝަން ކުރަނގި"ގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ޤަޥާއިދުތަކަށް ފެއްތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އޮޕަރޭޝަން ފަށާފައިވަނީ ކ. ހިންމަފުށީގައެވެ.



