ކުނި މެނޭޖު ކުރުމަށް "މަގޭ ސާފުރާއްޖެ" ނަމުގައި ޤައުމީ ސިޔާސަތެއް އިފްތިތާޙުކޮށްފިއެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ލޯގޯއާއި ބްރޭންޑިންގ އިފްތިތާޙުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އެވެ. އަދި ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓެޖީ އިފްތިތާޙުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް ވިދާޅުވީ "މަގޭ ސާފުރާއްޖެ" ސިޔާސަތާއެކު 2028 ވަނަ އަހަރު ނިމޭއިރު ކުނީގެ މައްސަލައިގައި ރާއްޖެއަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ވަށާޖެހޭ ގޮތަށް ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ކޮންމެ ރަށަކަށް ފޯރުކޮށްދިނުން ކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި އެ ރަށެއްގެ އާބާދީއާއި އެކަށީގެންވާ ކުނި ކޮށްޓަކާއި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމްކުރާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ އާ ސިޔާސަތުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ކުންޏާމެދު ޒިންމާދާރު ކުރުވުމަށް ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެގޮތުން "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ލަނޑުދަނޑި މި ސިޔާސަތުގައި ހިމަނާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޭނުންތަކަށް އެތެރެކުރާ ތަކެތިން އުފެދޭ ކުނިވެސް މަދުކުރެވޭނެ ގޮތްތަކެއް މި ސިޔާސަތުތަކާއެކު ހޯދޭނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
"މަގޭ ސާފުރާއްޖެ" ސިޔާސަތަކީ ކުރިއަށް އޮތް 5 އަހަރު، ރާއްޖޭގައި ކުނި މެނޭޖުކުރުމާއި ވެށީގެ ސާފުކަން ދެމެހެއްޓުމަށް ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން އެކުލަވާލި މަގުޗާޓެކެވެ.
މި ސިޔާސަތުގައި މައިގަނޑު 12 ލަނޑުދަނޑިއެއް ޙާސިލްކުރުމަށް ހިމަނާފައިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ރާވާ ހިންގާނެ ގޮތާ، ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާއި މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.



