ހުސްވި މާޗު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ މިދިޔަ އަހަރުގެ މާޗު މަހު ލިބުނު އާމްދަނީއަށް ވުރެ %34 އިތުރު އަދި މި އަހަރުގެ މާޗު މަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ %26 އިތުރު އަދަދެކެވެ.
މިދިޔަ މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ އެ މުއްދަތުގައި ދައްކާފައިވުމާއެކު އެ ބައިގެ އާމްދަނީ އާއި ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ލިބުނު މިންވަރު އިތުރުވުމެވެ.
މާޗުގައި ލިބުނު އާމްދަނީގެ ތެރެއިން %51.7 އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އިތުރަށް އެންމެ ގިނައިން އާމްދަނީ ލިބުނު ބައިތަކަކީ އިންކަމް ޓެކްސް (%20.1)، ޓޫރިޒަމް ލޭންޑް ރެންޓް (%12.6)، ގްރީން ޓެކްސް (%3.9)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (%3.6) އަދި އެހެނިހެން ބައިތަކުން %8.2 އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 119.6 މިލިއަން ޔޫއެސް ޑޮލަރު ވެސް ހިމެނެ އެވެ.



