އއ ރަސްދޫގައި ކުޑަކުއްޖަކަށް އެހެން ދެކުއްޖަކުވެގެން އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކަމާގުޅޭ ފަރާތްތަކުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުއްތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖިނާއީ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ އުމުރު މާތިކޮށް ގާނޫނުގައި ހިމަނާފައި އޮތުމެވެ

ރާއްޖޭގައި ހަދާފައިވާ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ އުމުރުން 15 އަހަރު ފުރިފައިވާނަމައެވެ. މިގޮތަށް އޮތުމުން ކުދިން ކުރާކުއްތަކަށް އަދަބު ނުދެވި ކުދިން ކުށުގެ ވެއްޓަކަށް ހުށައެޅެމުންދާތީ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށްތަކަށް 12 އަހަރުގައި ޒިންމާ އުފުލަންޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ނިއުސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ ޖުވެނައިލް ޑިޕާޓްމަންޓުގެ ރިކޯޑުތައް ދައްކާގޮތުން، 200 އެއްހާ ކުދިން ކުށުގެ ރިސްކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 12-14 އަހަރާ ދެމެދުގެ ކުދިން ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ވަގުތު ޖިނާއީ ކުށެއް ކުރިއަސް އެކަމަށް ޒިންމާ ނުކުރެވޭ. މި އުމުރު 12 އަހަރަށް ބަދަލުކުރަން މި ނިންމީ." މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށްވީނަމަވެސް ރާއްޖޭގައި އެ ގާނޫނަށް ބަދަލުތައް ގެނެސްފައިނުވާތީ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އީދު ބަންދަށްފަހު ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އަދި މަހެއްހާދުވަސްތެރޭގައި މިބަދަލު ފާސްކުރެވެއްޖެނަމަ އެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.