ކުށްކުރާ ގޭންތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރުމަށް ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭންގައި ހިމަނައިފި އެވެ.
އެ ޕްލޭން އިފްތިތާހުކުރީ މިއަދު އިސްކަންދަރު ކޮށީގައި އެކަމަށް ހާއްސަކޮށް ބޭއްވި ޖަލްސާއެއްގަ އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަކަށް އެ ޕްލޭންގައި އަލިއަޅުވާލާފައިވާނެ ކަމަށެވެ.
ވަކިން ހާއްސަކޮށް މަސްތުވާތަކެއްޗާއި ކުށްކުރާ ގޭންގުތަކުގެ ބިރުވެރިކަމުން ގައުމު ސަލާމަތް ކުރަން އާ މަސައްކަތަްތަކެއް އެ ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގައި ކަންބޮޑުވުންތައް ހުރި ހުރިހާ ކުށްތަކަށް [މި ޕްލޭންގައި] އަލިއަޅުވާލެވިފައިވާނެ. ހާއްސަ ގޮތެއްގައި މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އައު މަސައްކަތްތަކެއް ކުރުމަށް ޕްލޭންގައި ހިމެނިފައި އެބަވޭ،" އޭނާ ވިދާޅުވި އެވެ.
"މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިރުވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްކުރާ ގްރޫޕްތައް ނިސްބަތްކޮށް އެކަންތައްތައް އެންފޯސް ކުރުމަށް އަޅުގަނޑުމެންގެ ޕްލޭން ވުޖޫދުވާ ހިސާބުން އެކަމަށްޓަކައި މަސައްކަތް ކުރާނެ ވަކި ބަހާއެއް ގާއިމުކުރެވިގެންދާނެ. އޯގަނައިޒޭޝަން ލެވަލްގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ތަރުތީބު ކުރެވިގެންދާނެ."
އެ ޕްލޭންއާއެކު ކުރިއަށް އޮތް 4 އަހަރު ފުލުހުންނަށް ހާސިލްވެގެންދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގްރޫޕް މާރާމާރީއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޤައުމީ ސްޓްރެޓެޖީ ޕްލޭން އެކުލަވާލުމާއި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ޑިޖިޓަލް ޑޭޓާ ކޮމާންޑެއް އެކުލަވާލުން ވެސް ހިމެނެ އެވެ.



