އެމެރިކާގެ ފްލައިޓަކުން ދަތުރުކުރި 25 ފަސިންޖަރުން އެއްފަހަރާ ބަލިވެއްޖެއެވެ.
ކުއްލިއަކަށް ބަލިވީ މިދިޔަ ހުކުރު ދުވަހު ކެނެޑާގެ ވެންކޫވަރ އިން ޓެކްސަސްގެ ހިޔުސްޓަން އަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުން ދަތުރު ކުރި ބައެކެވެ. އެ ފްލައިޓުން 163 މީހުން ދަތުރުކުރިއިރު އޭގެ ތެރެއިން 25 މީހުން މޭ ނުބައިކޮށް ހޮޑުލި ކަމަށްވެއެވެ.
އެކަމަކު، އެއްވެސް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހޭ ހާލަތަކަށް ގޮސްފައެއް ނުވެއެވެ.
"އެއް ކްރޫޒް ބޯޓަކުން ދަތުރުކުރި ބައެއް ފަސިންޖަރުން ހުކުރު ދުވަހުގެ ރޭ ވެންކޫވަރު އިން ހިޔުސްޓަން އަށް ދިޔަ ޔުނައިޓެޑް ފްލައިޓް 1528 ގައި ތިބި،" ޔޫއެސްއޭ ޓުޑޭ އަށް އީމެއިލް ކޮށްފައިވާ ބަޔާނެއްގައި ޔުނައިޓެޑުން ބުނެފައިވެއެވެ.
އެ އެއާލައިނުން ދަތުރު ކުރުމުގެ ކުރިން ދަތުރުކުރީ ކޮން ކްރޫޒް ލައިނެއް ނުވަތަ ބޯޓަކުންތޯ ކުރި ސުވާލަކަށް ޖަވާބެއް ނުދެއެވެ.
ނަމަވެސް އެމީހުންނަކީ އެއްކޮށް ކުރޫޒަކުން ދަތުރުކުރި މީހުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބޯޓު ޖެއްސުމާއެކު ހިޔުސްޓަން ފަޔަރ ޑިޕާޓްމަންޓުގެ އިމަޖެންސީ މެޑިކަލް ޕާސަނަލްސް އިން ތިން ފަސިންޖަރުންގެ ހާލު ޗެކްކުރި ނަމަވެސް އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަން ނުޖެހުނެވެ.



