ވަކި ގޮތަކަށް އަމަލުކުރަން ފުލުހުންގެ މައްޗަށް ސަރުކާރުގެ އެއްވެސް ހިސާބަކުން ނާންގާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ސަރުކާރުން ފުލުހުންގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
އެއްވެސް މީހަކާމެދު ތަފާތުކުރުމެއް ގެންގުޅެން ސަރުކާރުން ފުލުހުންނަށް ނާންގާނެ ކަމަށާއި ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމުގެ އިހްތިޔާރާއި ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުން ބައިވެރިވަނީ. --- ވަގުތު އިމޭޖަސް
"ޤާނޫނާއި ފުށު އަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ.. މަޖިލީހުގެ މެމްބަރެއްތޯ..އޭނައަކީ މިވެނި ހައިސިއްޔަތެއްގެ މީހެއްތޯ. މިއަށް ބެލުމެއް ނޯންނާނެ. އަދުގެ ސަރުކާރުން ތިބޭފުޅުންގެ މައްޗަށް އެއްވެސް މީހަކު ނުފޫޒެއް ނުފޯރުވާނެ މިވެނި މީހަކާ ދޭތެރޭ މިވެނި ގޮތަކަށް އަމަލުކުރާކަށް،" ވަޒީރު ވިދާޅުވިއެވެ.
ފުލުހުންނަކީ ޒިންމާދާރު، އަދި ޒިންމާ ނަގާ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވަނީ ވެރިންގެ ގޮތުގައި ތިބޭ ބޭފުޅުން ޒިންމާތަކުން އެކަހެރިވެ، އޭގެ ދަށަށް ތިބޭ މުވައްޒަފުން ކަންކަމަށް ޖަވާބުދާރީކުރުވުމުގެ ސަގާފަތް ބަދަލު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވީ ދައުލަތުން އަހަރެއްގެ މައްޗަށް ފުލުހުންގެ ހިދުމަތަށް ދެ ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. އަދި މިއީ ދިިވެހި ދައުލަތުގެ 4 އިންސައްތަ ކަމަށާއި ލިބޭ ކޮންމަ ސަތޭކަ ރުފިޔާއަކުން ހަތަރު ރުފިޔާ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ދޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިވަރުގެ ހަރަދެއް ދިވެހި ދައުލަތުން ފުލުހުންނަށް ކުރާއިރު ދައުލަތާއި ރައްޔިތުންގެ އުއްމީދެއް އޮންނާނެކަމަށާއި އެ އުއްމީދަކީ ނަތީޖާ ނެރެދިނުން ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިގެން އަންނަން ޖެހޭނީ އޭރަކު ސަރުކާރު ހިންގާ ބަޔަކު ކަނޑައަޅާ އަސާސްތަކެއްގެ މައްޗަށް ކަމަށެވެ.
"ދައުލަތައް ލިބޭ ކޮންމެ 100 ރުފިޔާއަކުން 4 ރުފިޔާ ދިވެހި ރައްޔިތުން މެއިންޑޭޓް މިކުރަނީ ފުލުހުންގެ މުވައްސަސާއަށް ހަރަދުކުރުމަށް. އެހެންވީމަ މިވަރުގެ އެކްސްޕެންޑީޗަރއެއް ދައުލަތުން ނަގާއިރުގައި ދައުލަތުގެ އިންނާނެ އެކްސްޕެކްޓޭޝަންއެއް. ރައްޔިތުންގެ އޮންނާނެ ވަރަށް ބޮޑު އެކްސްޕެކްޓޭޝަންއެއް. އެ އެކްސްޕެކްޓޭޝަންއަކީ ނަތީޖާ ނެރުން" ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ޓެކްނޮލޮޖީއާއެކު މަސައްކަތްކުރަން ދަަސްކުރުމަކީ ފުލުހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.



