ހދ. ކުރިނބީގެ ދެކުނު ފަރާތު އަރިމަތީގައި ވަޅުލެވިފައިވާ ބޮޑު ރުނބާއަކާއި އާސާރީ ގިނަ ތަކެތި ފެނިއްޖެއެވެ. މި ތަކެތި ފެނިފައިވަނީ ކުންދޭމާއި ކަނޑޫފަލާ ދެމެދު ސަރަހައްދުންނެވެ.

ކުރިނބީ ކައުންސިލްގެ އެގްޒެކެޓިވް ޑިރެކްޓަރު އަކުރަމް އަލީ ވިދާޅުވި ގޮތުގައި މި ރުނބާ ފެނުނީ އެ ރަށު ކަށިމާވިލާ، އަހުމަދު ރިޔާޒަށެވެ. އޭނާއަށް އެކަނި އެ ރުނބާ ނުނެގުމުން ދެތިން މީހަކު އެހީތެރިވެގެން ރުނބާ ނަގާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ރުނބާގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި ކުރީ ޒަމާނުގައި ކެއުމަށް ބޭނުންކުރި ތަށްޓާއި ޖޯޑު އަދި ޖަގު ފަދަ ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ މުށިން ހަދާފައިވާ ތަކެތި ކަމަށާއި، އަދި މިއީ 380 އާއި 400 އަހަރާއި ދެމެދުގައި ބޭނުންކުރި ތަކެތި ކަމަށް ލަފާކުރެވޭ ކަމަށް އަކުރަމް ވިދާޅުވިއެވެ.

މިހާރު މި ތަކެތި ވަނީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި މި ތަކެއްޗާއި ބެހޭ ގޮތުން ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ކަމާގުޅޭ ވުޒާރާތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އަކުރަމް ވިދާޅުވިއެވެ.