ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެންމެ ކަންބޮޑުވާ ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް އަލިއަޅުވާލެވިފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޚާއްސަކޮށް މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަމުން ޤައުމު ސަލާމަތް ކުރުމަށް އައު މަސައްކަތްތަކެއް ކުރުމަށް ޕްލޭންގައި ހިމެނިފައިވާނެ ކަމަށެވެ.
މީގެ ތެރެއިން، ޕްލޭން ވުޖޫދުވާ ހިސާބުން ޑްރަގް ވިޔަފާރިއާއި ކުށްކުރާ ގްރޫޕްތަކަށް ހާއްސަކޮށް މަސައްކަތް ކުރާނެ ވަކި ބަހާއެއް ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމުގައި ކަންބޮޑުވުންތައް ހުރި ހުރިހާ ކުށްތަކަށް އަލިއަޅުވާލެވިފައިވާނެ. ޚާއްސަ ގޮތެއްގައި މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އައު މަސައްކަތްތަކެއް ކުރުމަށް ޕްލޭންގައި ހިމެނިފައި އެބަވޭ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިރުވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްކުރާ ގްރޫޕްތައް ނިސްބަތްކޮށް އެކަންތައްތައް އެންފޯސް ކުރުމަށް އަޅުގަނޑުމެންގެ ޕްލޭން ވުޖޫދުވާ ހިސާބުން އެކަމަށްޓަކައި މަސައްކަތް ކުރާނެ ވަކި ބަހާއެއް ޤާއިމުކުރެވިގެންދާނެ. އޯގަނައިޒޭޝަން ލެވަލްގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ތަރުތީބު ކުރެވިގެންދާނެ،" ޝުޖާއު ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުން ފުލުހުންނާއި މުޖުތަމައުއާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސީން މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ހިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މުސްތަޤްބަލަށް އަމާޒުކުރާ ޑޭޓާ ޑްރައިވަން ޕޮލިސީން ތަންފީޒު ކުރުމަށް މަގުފަހި ކުރުމަށް ޑިޓިޖިޓަލް ޑޭޓާ އެންޑް ކޮމާންޑިންގ ސެންޓަރެއް ޤާއިމުކުރާނެކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ޕްލޭންގެ ދަށުން އިތުރު ތަމްރީނު ޕްރޮގްރާމުތައް ފެށިގެންދާނެ ކަމަށާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރުމަށް އެކި ކަންތައްތައް ރިވިއުކޮށް ރަނގަޅުކޮށް، ދުޅަހެޔޮ މުވައްޒަފުން ބިނާކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ހިދުމަތަކީ ދެފުށް ފެންނަ ނަޒާހަތްތެރިކަމުގެ ސަޤާފަތް އޮންނަ ތަނެއްގެ ގޮތުގައި އުފެއްދުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ފުލުހުންގެ ހިދުމަތް އަތޮޅު ތެރޭގައި ލާމަރުކަޒު ކުރުމަށް ކުރާ މަސައްކަތް ޕްލޭންގެ ތެރެއިން ހާމަވެގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މާލެއިން ކޮންޓްރޯލް ކުރާ ވަރަށް ގިނަ ކަންތައްތައް އަތޮޅުތަކުގެ ކޮމާންޑަރުންގެ އަތްމައްޗަށް ދޫކުރެވިގެންދާނެ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ލާމަރުކަޒު ކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ފުލުހުންގެ ހިދުމަތް ދިނުމުގައި ފެނިގެންދާނެ،" ޝުޖާއު ވިދާޅުވިއެވެ.
އެ ޕްލޭންއާއެކު ކުރިއަށް އޮތް 4 އަހަރު ފުލުހުންނަށް ހާސިލްވެގެންދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގްރޫޕް މާރާމާރީއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޤައުމީ ސްޓްރެޓެޖީ ޕްލޭން އެކުލަވާލުމާއި އެންޓި ސްކޭމް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން ޑިޖިޓަލް ޑޭޓާ ކޮމާންޑެއް އެކުލަވާލުން ވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސިޓީ ޕޮލިސީންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި ފުލުހުންގެ އަސާސީ ތަމްރީނު ކޯސް އިސްލާހު ކުރުމާއި ލީޑަރޝިޕް ބޭފުޅުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ތައާރަފުކުރުމާއި ޕްރޮފެޝަނަލް ފޮލިސީން ފްރޭމްވޯކް ތަންފީޒު ކުރުމާއި ބޭނުން ކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



