ސެޕްޓެމްބަރު 2023ގައި ކ. ދިޔަނެރު ފަރަށްއެރި ޓަގާއި ބާޖުގެ ވެރިފަރާތް 20 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ދި މިޑްލް އީސްޓް މެރިން އެލްއެލްސީގެ ޓަގު، އޭއެމް އެޑްވޭ އާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު، "އެރޮން" ދިޔަނެރު ފަރަށް އެރީ 23 ސެޓެމްބަރު 2023 ގައެވެ.
ޖެހިގެން އައި ދުވަހު އެ އުޅަނދުތައް ނެގި ނެގުމުން، އީޕީއޭއިން ވަނީ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކާ ބެހޭ ދިރާސާއެއް ހަދާފަ އެވެ.
އެ ދިރާސާގެ އަލީގައި އީޕީއޭއިން ބުނީ އުޅަނދުތައް ފަރަށް އެރި ސަރަހައްދުން 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއްވެ، ފަރު ހަލާކުވެފައިވާ ކަމަށެވެ.
ފަރަށް ލިބުނު ގެއްލުންތަކަށް 20.2 މިލިއަން ރުފިޔާއިން ދަ މިޑްލް އީސްޓް މެރިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދެއްކުމަށް އެ ކުންފުންޏަށް ދީފައިވަނީ 3 ޖޫންއިން ފެށިގެން 30 ދުވަހުގެ މުއްދަތެކެވެ.



