ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހުކުރައްވައިފި އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
މިއަދު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒު އެވެ. އެމަނިކުފާނު އިންދަވާފައިވަނީ ކާބޮލި އަރޮޅި ގަހެކެވެ. މި ގަހަކީ 35 މީޓަރު ދިގުމިނަށް ހެދޭ، ދިވެހި ބޭސްފަރުވާއަށް ބޭނުންކޮށް އުޅޭ، ރާއްޖެއިން މިހާރު މަދުން ފެންނަ ބާވަތެއްގެ ގަހެކެވެ.
ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ރައީސްގެ ދެ ކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެ ކަނބަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވެސް ވަނީ ގަސް އިންދަވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ލޯގީ އަދި ޕިން ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
މި ޕްރޮގްރާމުގައި އިސްކަން ދޭނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެފަދަ 90 ބާވަތެއްގެ ގަސްތައް ލިސްޓުކޮށް، މި ޕްރޮގްރާމްގެ ތެރެއިން އިންދާނެ އެވެ. އޭގެ ތެރޭގައި މޭވާ އަޅާ ގަސްގަހާއި ބަގީޗާ ގަސް އަދި ހިޔާ ދޭ ބޮޑެތި ގަސްގަހާއި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހީގެ ބާވަތްތައް ހިމެނެ އެވެ.



