ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އިންޑިއާގައި އިއްޔެ ނިމުނު އާންމު އިންތިޚާބުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ލިބުނު ތާރީޚީ ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ކާމިޔާބީއަކީ މޯދީއަށް ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ވެގެންދާއިރު، މިއީ އިންޑިއާގެ ތާރީޚުގައި މިފަދަ ކާމިޔާބެއް ހޯއްދެވި ފުރަތަމަ ބޮޑުވަޒީރެވެ.
ރައީސް މުއިއްޒުގެ ތަހުނިޔާގެ މެސެޖަކީ ފާއިތުވި ދުވަސްތަކުގައި ބޮޑެތި ސިޔާސީ އަރައިރުމުގެ ތެރޭގައިވާ ރާއްޖެއާއި އިންޑިއާގެ ދެގައުމުގެ ގުޅުމަށް އެރި ލޮޅުންތައް މައިތިރިވުމަށްފަހު ފޮނުއްވެވި ފުރަތަމަ ތަހުނިޔާ މެސެޖެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ އިންޑިއާއާ ގުޅުން ރަނގަޅުކޮށް ބަދަހިކުރުމުގެ ސާފު ނިޔަތެއް ދައްކާފައެވެ. މި އާ ޑިޕްލޮމެޓިކް މަސައްކަތުގެ މިސާލަކީ ދާދިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރެއްވިއެވެ.
ސޯޝަލް މީޑިއާ ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބާރުލުމާއި ތަރައްގީ ދެމިއޮތުމަށް އުންމީދު ކުރައްވައި ބާރަބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި މޯދީއަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވާފައެވެ. ސަރަޙައްދީ ހަމަޖެހުމާއި ތަނަވަސްކަން ހޯދުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ބޮޑުވަޒީރު މޯދީ އާއި އެމަނިކުފާނުގެ ޕާޓީއަށް މަރުހަބާ ކިޔުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ޑިޕްލޮމެޓިކް ގުޅުންތކަށް އިތުރަށް ބާރު ލިބެނީ އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ހޯދައިގެން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް 40 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ހިމެނޭ ގޮތަށް އިންޑިއަން ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިނގަމުންދާ މަޝްރޫއުތަކުންނެވެ. މި މަސައްކަތްތަކުން ދައްކުވައިދެނީ އެއްބާރުލުން ދިނުމުން ލިބޭ ޙަރަކާތްތެރި ފައިދާތަކާއި، ހެޔޮ އަދި އުފެއްދުންތެރި ޕާޓްނަރޝިޕެއް އުފެއްދުމަށް ދެފަރާތުގެ ޝައުޤުވެރިކަން އުފެދިފައިވާ ކަމެވެ.
ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަކީ މާޒީގެ ޝަކުވާތައް ފަހަނައަޅައި ގޮސް، އެއްބާރުލުންދޭ އަދި ތަނަވަސް ސަރަޙައްދީ އިއްތިހާދެއް ބިނާކުރުމުގެ މަގުސަދުގައި ދެޤައުމުގެ ގުޅުމުގެ އުއްމީދީ ބާބެއް ރަމްޒުކޮށްދޭ މެސެޖެކެވެ.



