މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހަދާފައިވާ ގާނޫނު ދެކޮޅުނުޖެހޭ ކަމަށާއި އެއީ އަލުން މުރާޖައާ ކުރަން ނުވަތަ މަޖިލީހުން ބޭރުކޮށްލަންޖެހޭ އެއްޗެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ފާޑު ކިޔަމުން މެމްބަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހަދާފައިވާ ގާނޫނަކީ ދެރަށް ގުޅުވާލަން، ކޮޅެއް މެދެއް ނުފެންނަ ގޮތަށް ކުރި މަސައްކަތާއި އެއްގޮތް ގާނޫނެކެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ދެރަށް ގުޅުވާލަން ކުރި މަސައްކަތް. އަދިވެސް ވަނީ ރަނގަޅަށް ގުޅާނުލެވި. ކޮޅެއް މެދެއް ނުފެނޭ. ހަމަ އެގޮތަށް މި ޤާނޫނުވެސް 19 ވަނަ މަޖިލީހުން ފާސްކޮށްފައި މިވަނީ ހަމަ ކަނޑުފަޅުން ގޯތި ދިން އުސޫލުން. ކޮޅެއް މެދެއް ނުފެނުނު. އެހެންވީމަ މިގާނޫނު އަޅުގަނޑަށް ފެންނަނީ އަލުން އަނބުރާ މުރާޖައާ ކުރަން، ނުވަތަ ހަމަ މި މަޖިލީހުން ބޭރުކޮށްފަ އާ ގާނޫނެއް 20 ވަނަ މަޖިލީހުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަލުން ހަދާފަ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ 20 ވަނަ މަޖިލީހުން" ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވިއެވެ.
މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމަލުކުރި ގޮތާއިމެދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމް ވެސް ވަނީ މީގެ ކުރިން ފާޑު ކިޔާފައެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާކަމެވެ. އަދި ދައުރުގެ އެންމެ ފަހުކޮޅު، ނޭވާހޮޅިޔަށް އެޅިފައި އޮއްވާ ވަކި ބަޔަކަށް އުސޫލެއް ނެތި މާލޭގެ ބިންތައް ވަނީ ބަހާލާފައެވެ.



