ޕާކިސްތާނާއި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މުޙައްމަދު ޠާހާގެ ނަންފުޅެވެ. ޠާހާ އަކީ ސައުދީ ޢަރަބިއްޔާގެ ސަފީރަކަށް މަޖިލީހުން ރުހުން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނަމަވެސް ރައީސް ފަހުން ހުށަހަޅުއްވާފައިވަނީ އޭނާ ޕާކިސްތާނުގެ ސަފީރަކަށް ކަނޑައެޅުއްވުމަށެވެ.
ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަހީމް ޢަބްދުއްލަޠީފުގެ ނަންފުޅެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސްގެ މަޤާމެވެ.
މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި ރިޔާސަތުން ވަނީ މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. އެބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ފަހު ރުހުން ދޭނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މިހާތަނަށް ރައީސް 10 ޤައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ވަނީ ދީފައެވެ.



