ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކުގެ ފޯނަށް މެސެޖެއް ލިބޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހެޅުއްވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު އެވެ. މި ގުރުއަތުލުން ކުރިއަށްދަނީ ދަރުބާރުގޭގައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ގުރުއަތު ނަގަން ނިންމީ ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަވުމުން ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ އިއުލާންކުރެވުނު ގޯތީގެ އަދަދާއި ގޯތި ބަދަލުކުރުމަށް ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިޢާޔަތްކޮށް، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ހައުސިންގ މިނިސްޓްރީން ބުނީ ގުޅިފަޅުން ލިބޭ ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ފަހުން ވަކި ގުރުއަތެއް ނަގާނެކަމަށެވެ. އެ މިނިސްޓްރީން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާތީ، އެތަނުން ގޯތި ލިބުނު އެންމެންގެ ގުރުއަތެއް އަލުން ނެގުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލް އަދި ޙިއްސާކޮށްފައެއް ނުވެއެވެ.



