ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލާ ވަގުތާ މެދު ގޮތެއް ނިންމުމަށްފަހު މާދަމާ އެކަން ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ ވޯޓުލާން ކަނޑައަޅާނެ ވަގުތަކާ ބެހޭގޮތުން ޕާޓީތަކުގެ ލަފައަށް އެދިފަ އެވެ.

ވޯޓުލާ ދުވަހު ވިއްސާރަ ވެދާނެ ކަމަށް ބަލައި ޕާޓީތަކުން ލަފާދިނީ ވަގުތު އިތުރު ކުރުމަށެވެ. މިނިވަން މުއައްސަސާތަކުން ވެސް އެދުނީ ހަމަ އެ ގޮތަށެވެ.

ކޮމެޓީގެ މެމްބަރުން ލަފާދިނީ އެ ދުވަހު ވިއްސާރަ ނުވިޔަސް، ހޫނުގަދަ ވެދާނެތީ ވޯޓުލާ ވަގުތު އިތުރު ކުރުމަށެވެ.

ފުއާދު ވިދާޅުވީ މޫސުމާ ގުޅިގެން ވޯޓުލާ ވަގުތަށް ބަދަލު ގެންނަން ހުށަހެޅުމުގެ ކުރިން ވޯޓުލާނެ ރަސްމީ ގަޑިއަކީ ކޮބައިކަން ނިންމަން ޖެހޭ ކަމަށެވެ. އެއީ ހެނދުނު 8 އިން ހަވީރު 4 އަށް ނުވަތަ 5 އަށްތޯ އެވެ.

ވޯޓުލާ ވަގުތާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނުނިންމަ އެވެ. އެކަމާ މެދު އީސީން ނިންމާ ގޮތެއް މާދަމާ ހާމަކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.