މިދިޔަ އަހަރާއި އަޅާބަލާއިރު، މި އަހަރުގެ މެއި މަހު ފަތުރުވެރިން އައި އަދަދު މަދުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާ ޑެއިލީ ރިޕޯޓުން ދައްކާގޮތުން މި އަހަރުގެ މެއި މަހު އައިސްފައިވަނީ 119,875 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މެއި މަހުގައި އައިސްފައިވަނީ 120,959 ފަތުރުވެރިންނެވެ. މިއީ %0.9 ގެ ދަށްވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު އައިސްފައިވަނީ 3,867 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް 903,775 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، ޔޫ.ކޭ، އިޓަލީ އަދި ޖަރުމަނެވެ. އެ ޤައުމުތަކުން މިހާތަނަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ:
- ޗައިނާ: 102,075 ފަތުރުވެރިން
- ރަޝިއާ: 91,618 ފަތުރުވެރިން
- ޔޫ.ކޭ: 85,840 ފަތުރުވެރިން
- އިޓަލީ: 75,648 ފަތުރުވެރިން
- ޖަރުމަނު: 73,059 ފަތުރުވެރިން
ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 1,878,543 އެވެ.



