މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެއެވެ.
"ސަން އޮންލައިން" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓީބީއަށް ޕޮޒިޓިވް ވެފައިވަނީ ގްރޭޑް 9 ގައި ތަޢުލީމް ޙާސިލްކުރަމުން އަންނަ ދަރިވަރެކެވެ. މިކަމާ ގުޅިގެން އެ ގްރޭޑްގެ އެހެން ދަރިވަރުން ޓީބީއަށް ޓެސްޓްކުރަމުން އަންނަ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ސްކޫލްގެ ރަސްމީ ބަހެއް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.
ޓީބީއަކީ ޖަރާސީމުގެ ޒަރިއްޔާއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކު ކެއްސައި ކިނބިހިއަޅައި ވާހަކަ ދެއްކުމުގެ ތެރޭގައި ޓީބީ ޖައްސާ ޖަރާސީމް ވައިގެ ތެރެއަށް ފެތުރުމުން، އެ ބަލި ނުޖެހި ހުރި މީހާ ނޭވާ ލާއިރު ޓީބީގެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ.
ރާއްޖޭގެ ސްކޫލަކުން މި ބަލި އެންމެ ފަހުން ފެނިފައިވަނީ 2022 ވަނަ އަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.



