ސީރިއާގެ އުތުރު އަލެއްޕޯ ނުވަތަ ހަލަބް އަށް އިސްރާއީލުން ބޮން އަޅައި ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި އީރާނުގެ އެޑްވައިޒަރަކާއި އިތުރު 15 ހަނގުރާމަވެރިން މަރާލައިފިއެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރޭ ސީރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ހަލަބް ކައިރިއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި ރިވޮލިއުޝަނަރީ ގާޑްގެ އެޑްވައިޒަރަކީ ސައީދު އަބްޔާރުއެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓްސް އިން ބުނީ އިޒްރޭލުން ބޮން އެޅީ ހަލަބްގެ ހައްޔާން އަވަށުގައިވާ ތަންތަނަށެވެ. އަދި ފެކްޓަރީ އަކަށްވެސް ބޮން އެޅިކަމަށް ހަބަރުތައް ބުނެއެވެ.
އަސަދުގެ ސަރުކާރުން ކޮންޓްރޯލްކުރާ ހައްޔާންގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ އުތުރުގެ އަވަށްޓެރި ގައުމަށް އެތައް ސަތޭކަ ހަމަލާއެއް ދީފައެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހަށްފަހު އިޒްރޭލުން ދަނީ ދޭތެރެދޭތެރެއިން ލުބުނާނާއި ސީރިއާގެ ޑިފެންސް އަމާޒުތަކަށްވެސް ހަމަލާ ދެމުންނެވެ.
ސީރިއާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި ބައި މިލިއަނެއްހާ މީހުން ވަނީ މަރުވެފައިކަން ފާހަގަ ކުރެވެއެވެ.



