ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީއިން އެންޓިކެމްޕެއިން ކުރަމުންދާ މައްސަލަ ޕީއެންސީގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މަޖިލިސް އިންތިހާބަށް އިދިކޮޅު އެމްޑީޕީއިން ވަރަށް ބޮޑަށް އެންޓިކެމްޕޭން ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ޕޯސްޓަރުތަކާއި ބެނާތަކުން ވެސް އެންޓިކެމްޕޭންގެ އެތައް ކަމެއް ފެންމުންދާކަން ފާހަގަކުރައްވައި ހީނާ ވަނީ ކެމްޕޭން ކުރުމުގައި އަމިއްލަ ސިޔާސަތު ވިއްކުމަށާއި އެންޓިކެމްޕޭންގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަދެއްކުމަށް ގޮވާލައްވާފަ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި އެންޓިކެމްޕޭންގެ އަމަލުތައް ފެންނަމުންދާ ކަމަށް އީސީއިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި އެންޓިކެމްޕޭން ނުކުރުމަށް އިލްތިމާސްކޮށް، އެކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.








