ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރް ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ތިން ދުވަހުގެ ދަތުރުފުޅަކަށް ވަޒީރު ލަންކާއަށް ފުރާވަޑައިގެންނެވީ މިއަދެވެ.
ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި ވަަޒީރުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން އެ ގައުމުގެ ހާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީއާ އެކު ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އިސް ބޭފުޅުންނާއެކު ބައްދަލުކޮށް ރާއްޖެ އާއި ލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.



