ފަލަސްތީނުގެ ޣައްޒާ އިން 48 މީހުން އެއްވެސް ކަމަކާއި ނުލައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޝަހީދުކޮށްލާފައިވާތީ އެ މައްސަލަ ތަހްޤީޤުކުރަން ފަށާފައިވާ ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފި ކަމަށް އިސްރާއީލުގެ މިނިވަން ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފިއެވެ.
ހާރެޓްޒް ނޫހުން ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ޣައްޒާ އިން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޝަހީދުކޮށްލާފައިވާ 48 މީހުންގެ މަރުގައި އިސްރާއީލުގެ ސިފައިންނަށް ޝައްކުވާ ކަންތައްތަކެއް ފާހަގަވެފައިވާތީ އެކަމުގެ ތެދާއި ހަޤީގަތް ހޯދަން އެތެރޭގެ ތަހްޤީޤެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި 48 މީހުން ޝަހީދުވި އިރު ތިބީ އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށުގައި ހައްޔަރުގައި ކަމަށާއި އެހެން ކަމުން އެމީހުންގެ މަރުގެ ފަހަތުގައި އަނިޔާކުރުމުގެ ތުހުމަތުތަކެއް އެކުލެވޭ ކަމަށް އިސްރާއީލުގެ މިޑިއާތަކުން ރިޕޯޓްކުރެއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހައްޔަރުކުރާ ފަލަސްތީނުގެ އެންމެންނަށް ވެސް ޔަހޫދީ ސިފައިން އަނިޔާކުރެއެވެ. އަދި ބައެއް ފަހަރު އަނިޔާގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ވެސް ޖެހޭ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފަލަސްތީނުގެ ޣައްޒާ އިން 48 މީހުން ޝަހީދުކޮށްލި މައްސަލައިގެ ތަހްޤީޤް ފެށިފައި ވީ ނަމަވެސް އަދި މި ކަމުގައި ތުހުމަތު ކުރެވޭ އެއްވެސް ސިފައިންގެ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އިސްރާއީލްގެ ހާރެޓްޒް މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.
މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ފެށުނު ފަހުން ޣައްޒާ އިން ޔަހޫދީ އަސްކަރިއްޔާ އިން ވަނީ 4000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން އެކި އެކި ކަންކަމުގައި ސުވާލުކުރުމަށް ހައްޔަރަށް ގެނެސްފައެވެ.



