ފަލަސްތީނުގެ ޣައްޒާގެ 50 އަމާޒަކަށް ވަރުގަދަ އަށް ހަމަލާތައް ދެވިއްޖެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ހަމަލާދީފައި ވަނީ ވައިގެ މަގުން ކަމަށާއި ހަމަލާދީފައިވާނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިރިއުޅެމުންދާ ތަންތަނަށާއި މުޖާހިދުން ހަތިޔާރު ރައްކާ ކުރާ ގުދަންތަކަށާއި އަދި ހަމާސްގެ މުޖާހިދުން ތަމްރީންތައް ހެދުމަށް ބޭނުން ކުރަމުންދިޔަ އަސްކަރީ މަރުކަޒުތަކަށް ކަމަށް ވެސް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ނެރުން ބަޔާނުގައި ވަނީ ބުނެފައެވެ.
އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ރެއިން ފެށިގެން ދަނީ އިންތިހާ އަށް އަނިޔާވެރި ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތައް ބަލައިގެން ދެމުންނެވެ. އެގޮތުން އަނިޔާވެރި ޔަހޫދީންގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ބެރޫޖް ރެފިއުޖީ ކޭމްޕަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ގޮތުން މި ހަމަލާތަކުގައި 6 އަންހެނަކާއި ކުޑަ ކުއްޖެއް ވަނީ ޝަހީދުކޮށްލާފައެވެ.
އެމެރިކާ އިން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލްގެ ސަރުކާރުން ތާއީދުކުރާ ކަމަށް ދޭހަވާ ގޮތަށް އެ ގައުމުގެ ސަރުކާރުގެ ބަސްމަގު ހުއްޓަސް ޔަހޫދީން ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކަށް ކުޑަ ބަދަލެއް ވެސް ނާދެވެއެވެ.



