ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަށް ގިނަބަޔަކު އެދުމުން ބާއްވާ ގުރުއަތުލުން މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 683 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ކުރިމަތިލި މީހުންގެ އަދަދުތައް
- 1250 އަކަފޫޓުގެ 1،093
- 1650 އަކަފޫޓުގެ 880
- 2050 އަކަފޫޓުގެ 234
- 2450 އަކަފޫޓުގެ 3
އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ ވިދާޅުވީ، ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ، އެތަނުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ އެތަނަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުން ކަމަށެވެ.
ދިލްޝަން ވިދާޅުވި ގޮތުގައި ފުރަތަމަ އެކަމަށް ފުރުސަތު ހުޅުވާލީ 7 އޭޕްރީލުން 14 އޭޕްރީލަށެވެ. އަދި އެ ފުރުސަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ އެ މުއްދަތު 18 އޭޕްރީލްގެ ނިޔަލަށް އިތުރު ކޮށްދިން ކަމަށް ވިދާޅުވިއެވެ.
މިހާރު ފައިނަލްކޮށްފައިވާ ލިސްޓްތަކުގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެހެންވެ ގުރުއަތުލުން ނޯންނާނެއެވެ.
ނަމަވެސް، ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަވާތީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން މާދަމާ ބާއްވާނެއެވެ.
މި ގުރުއަތުލުން އޮންނާނީ ދަރުބާރުގެ ރަންނަބަނޑޭރި މާލާމްގައެވެ. މި ގުރުއަތުގައި ޖުމްލަ އެކު 1982 ބޭފުޅުން ބައިވެރިވާނެ ކަމަށް ދިލްޝާން ވިދާޅުވިއެވެ.



