ރާއްޖޭގައި ތިބި އިސްރާއީލް ރައްޔިތުން ވީހާވެސް އަވަހަށް ރާއްޖެ ދޫކޮށް ދިޔުމަށް އިސްރާއީލް ސަރުކާރުން ނަސޭހަތްތެރި ވެއްޖެއެވެ. މިއީ އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ދިވެިހި ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން އިޒްރޭލުން ނިންމި ނިންމުމެކެވެ.
އިއްޔެ އިސްރާއީލުން ނެރުނު ބަޔާނެއްގައި ، ރާއްޖޭގެ ސަރުކާރުގެ ޢަަމަލުތައް އިސްރާއީލުން މާނަކުރަނީ ނާޖާއިޒު އަދި ޢަދާވާތްތެރި އަމަލެއްގެ ގޮތުގައި ކަމަށާ، އެހެންކަމުން ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން ވީހާވެސް އަވަހަށް ރާއްޖެ ދުކޮށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ ނަސޭހަތްތެރިވިއެވެ. މި ބަޔާނުގައި ވަނީ ރާއްޖޭގައި ހުއްޓާ ކަމެއް ދިމާވެއްޖެނަމަ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލް ސަރުކާރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެކަމަށްވެސް ބުނެފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއިން އިސްރާއީލުގެ ފަތުރުވެރިން ބާކީކުރަން ނިންމިޔަސް، އިސްރާއީލުގެ ރަށްވެހިކަން ހޯދާފައިވާ ފަލަޞްޠީނު ދަރިކޮޅުގެ މުސްލިމުންނަށް ރާއްޖެ އައުމަށް ހުރަހެެއް ނެތެވެ.
މި ވަގުތުރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުން ފުރުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށާފައިވާއިރު، ބައެއް މީހުން ވަނީ ޗުއްޓީ ކުއްލިއަކަށް ނިމުމުން މާޔޫސްކަން ފާޅުކޮށް، ސަރަހައްދީ ހަމަޖެހުމަށް ފުޅާ ދާއިރާއެއްގައި ކުރާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ބައެއް ޓްރެވެލް އެޖެންޓުންގެ ފަރާތުން ޚަބަރު ލިބެއެވެ.
މިދިޔަ އަހަރު ގާތްގަނޑަކަށް 11،000 އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ %0.6 އެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ އެންމެ 528 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %88 ދަށްވުމެެއްކަން ފާހަގަ ކުރެވެއެވެ.
ރާއްޖެއިން މީގެ ކުރިން 1990 ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލުގެ ފަތުރުވެރިން އައުން މަނާކުރުން އުވާލައި، ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރި ނަމަވެސް، 2012 ވަނަ އަހަރު ދެގައުމުގެ ގުޅުން ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތަކަށް ބުރޫއެރި އެވެ. އެއީ ރާއްޖެއިން އެ ގުޅުން ދަމަހައްޓާކަށް އެހާބޮޑަށް ބޭނުން ނުވީމައެވެ.



