ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުޅި ރާއްޖޭގައި ފަންޑްރެއިޒިން ހަރަކާތެއް ބާއްވައި ހިނގާލުމެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކޮށްފައިވަނީ ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ދިވެހި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.
އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، އ.ދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހިނގާލުމަކީ "ފަލަސްތީނާ އެކު ދިވެހިން" ގެ ނަމުގައި ބާއްވާ ހިނގާލުމެކެވެ.
މިކަންކަމުގެ އިތުރުން ވެސް ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރު ވަނީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އަންނަ ފަރާތްތަކަށް ރާއްޖެއަށް ނުވަދެވޭނެ ގޮތަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވާކަން ވެސް ހާމަކޮށްފައެވެ. އަދި އެކަން ކުރުމަށް ވަޒީރާއި، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.



