ދިވެހި ގައުމިއްޔަތު މަޝްރޫއުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް، ނޫސްވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ދިވެހި ބަހާއި ބެހޭ މިނިސްޓްރީިން ބުނީ އެ ކޯސް ކުރިއަށްގެންދާނީ މިއަދުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޖުމްލަ 24 ގަޑިއިރުގެ އެ ކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ މިނިސްޓްރީގައި ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ދިވެހި ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިއްޔެ ވަނީ އެ ކޯހުގައި ކިޔަވައިދޭ ބޭފުޅުންނާއި ބައްދަލު ކުރައްވައި، ކޯސް ކުރިއަށް ގެންދާނެ ގޮތާއި ކޯހުގައި ހިމެނޭ ބައިތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިކަމަށެވެ. އެ ބައްދަލުވުމުގައި އެބޭފުޅުންނާއި ގުޅިގެން އެ މިނިސްޓްރީން އެފަދަ ކޯހެއް ހިންގުމަކީ ނޫސްވެރިކަމުގެ ދާއިރާއާއި އެ ދާއިރާގެ އިސްބޭފުޅުންނަށް ދެއްވި ވަރަށް ޚާއްޞަ އިސްކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ އެ ކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަޚްލާގާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސް ވެސް މި ތަމްރީން ޕްރޮގްރާމްގައި ކިޔައިދޭނެ ކަމަށެވެ.



