ރާއްޖޭގެ ފަރާތުން އެދޭ ކަންތައްތައް ދެނެގަތުމަށް ފަލަސްތީނާއި މަޝްވަރާކުރަން ރާއްޖޭގެ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ދިވެހި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިއުލާން ކުރެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް ނެތް ފަލަސްތީނާއި ވާހަކަދައްކާފައި، ރާއްޖޭގެ ފަރާތުން ކޮން ކަމެއްތޯ ފަލަސްތީނަށް ބޭނުން ވަނީ، މިކަންކަން ދެނެގަތުމަށްޓަކައި ރައީސްޖުމްހޫރިއްޔާ ހާއްސަ އެމްއޯޔޫއެއް ކަނޑައެޅުމަށް މިއަދު ވަނީ ނިންމާފައި.".
ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މި ހަމަނުޖެހުންތައް ވަރަށް ގާތުން ސަރުކާރުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ލިބޭ ހުރިހާ ފުރުސަތެއްގައި ބޭރުގެ އެކި ގައުމުތަކަށްވެސް އެމައުލޫމާތުތައް ދެމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި ނަގާ ސްޓޭންޑަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންތަކެއް އެދޭ އެދުންތަކެއް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ހިސާބަށްވެސް އެކިއެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިންވެސް އަދި ވަކިން ބައްދަލުކޮށްފައިވެސް މި މެސެޖްތައް ރައްޔިތުން ވަނީ އަރުވާފައި،". އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ވަނީ އަދި ރާއްޖޭގެ މިސްރާބު މިހާރު އޮތީ ރައްޔިތުން އެދޭ ގޮތަށް ކަންތައް ނިންމާ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ސްޓޭންޑްތައް ނަގަނީ އާ ސްޓޭންޑާޑަކުން ކަމަަށްވެސް ވިދާޅުވިއެވެ. އަދި މިއަދު ނެގި ސްޓޭންޑަކީ އިންސާނިއްޔަތަކަށްޓަކައި ނިންމާ ނިންމުމެއް ކަމަށްވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.



