ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެން ތިއްބެވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެ ތިން ވަޒީރުންނަކީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު އާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ނުލިބިފައިވަނީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
މާދަމާގެ ޖަލްސާއަށް އެ މައްސަލަ ތާވަލުކޮށްފައިވާއިރު، އެޖެންޑާގައި ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރެއް ކަނޑައެޅުމުގެ މައްސަލައާ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމެވެ.



