ރާއްޖެއިން ޙައްޖަށްދާ މީހުންގެ އަތުން ނަގާ އަގު 50,000 ރުފިޔާއަށް ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭ ޙައްޖު ދަތުރުގެ އަގު 50,000 ރުފިޔާއަށް ކުޑަކުރުން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމެއް ކަމަށާއި، އެކަން ހާސިލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ލަސްތަކެއް ނުވެ ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެ ކަމަށެވެ.
މިހާރު ޙައްޖު ދަތުރެއްގެ އަގަކީ 69,965 ރުފިޔާއެވެ.
މީގެ އިތުރުން ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަން މިހާރު ހިންގަމުންދަނީ ގެއްލުމެއްގައި ކަމަށާއި އެ ކުންފުންޏަކީ ފައިދާ ހޯދާ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެކަމަށްޓަކައި މިހާރު ހުޅުމާލެއިން ބިމެއް ގަނެ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝަކީލް އިތުރަށް ވިދާޅުވީ އެހެން ޖަމާޢަތްތަކުގެ ޙަވާލުގައި އުމްރާއަށް ދާ މިހުންގެ ޚިދުމަތްތައް ހަމަޖައްސައިދީގެންވެސް އެ ކޯޕަރޭޝަނުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.



