އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމާފައެވެ.
މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ. ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމާފައެވެ.
ޤާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމިއިރު، އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36,400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 82,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.



