މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވި ސަބަބުތައް ދިރާސާކުރުމަށްޓަކައި ބާއްވާ ބައްދަލުވުންތައް ފަށައިފިއެވެ.
އެމްޑީޕީން ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައެވެ. އެގޮތުން އެ ކޮމިޓީއަށް މަޢުލޫމާތު ނުވަތަ ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން feedback@mdp.org.mv އަށް ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީން އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 19 ވަނަ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލް ކުރެއްވި މެމްބަރުންނާއި، ޕާޓީގެ ޤައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެމްބަރުންނާއި ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެއީ އިންތިޚާބުތަކުގައި ކެމްޕޭނުގެ ކަންކަމުގައި އުޅުއްވި ޕާޓީގެ އިސްފަރާތްތައް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިލްސިލާކޮށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެކި އަތޮޅުތަކުގައިވެސް މި ދިރާސާގެ ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.
އެމްޑީޕީން މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި ޤައުމީ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަލުން ތަރުތީބުވެގެން ނުކުމެ އެ ޕާޓީގެ ފަލްސަފާތަކާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭރު ވިދާޅުވީ ދިރާސާގައި ބެލުމަށް ނިންމާފައިވަނީ އެމްޑީޕީއަށް އިންތިޚާބުގައި ނާކާމިޔާބުވީ އެ ޕާޓީގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ގޮތުންތޯ ނުވަތަ ލީޑަރޝިޕުގެ މައްސަލައެއްގެ ސަބަބުންތޯ ބެލުމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މާޙައުލަށް އައިސްފައިވާ ބަދަލަކީވެސް ކޮބާތޯ ބަލާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދެން ކުރިއަށްދާނެ ގޮތެއް އިނގޭނީ އެ ދިރާސާއަށް ބެލުމަށްފަހު ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއަށް ނާކާމިޔާބުވުމުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އެކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިޚާބުން ނާކާމިޔާބުވުމަކީ ޕާޓީގެ އިސްބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.



