ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢު "ކޫލް ސްކޫލް" މިއަދު އިފްތިތާޙްކޮށްފިއެވެ.
ކ. މާފުށީ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ ކަމަށާއި އުފާވެރިކަން އިހުސާސްވާނެ ކަމަށެވެ. އަދި ފިނިކަމާއެކު ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށާއި ދަރިވަރުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރެވުމުން ވިޔާނުދާ ކަންތައްތަކުން ދުރުހެލިވާން މަގުފަހިވާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ. އެގޮތުން އެފަދަ މާޙައުލެއްގައި ބުލީކުރުމާއި ރުޅިވެރިކަމުގެ ޢަމަލުތައް ހިނގުންމަށް ހުރަހަކަށްވާނޭ ކަމަށް ޝަފީޢު ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ މި މަޝްރޫޢަކީ ފިނިކުރުމަކުން ނިންމާލާ މަޝްރޫޢެއް ނޫން ކަމަށާއި މީގެ ސަބަބުން ކުދިންގެ ދިރިއުޅުމަށް އުޖާލާ ކުރުވަނިވި ފިލާވަޅުތަކާއި ތަރުބިއްޔަތު ލިބޭނެ ކަމަށެވެ. އަދި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެންދާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން މިހާރު ދައުލަތުން ކުރާ ޚަރަދަށް އިތުރުވެގެންދާނީ %38 ކަމަށެވެ. އަދި މަޝްރޫޢުގެ 30% ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް ޝަފީޢު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



