އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައި މަތިން ލޯންޗު ދުއްވި ކެޕްޓަން 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ކޯޓުން މިއަދު ހުއްދަ ދީފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލީ ލޯންޗު "މައި އެކްސްޕްރެސް" ގެ ކެޕްޓަން އިސްމާއިލް އަޒީޒެވެ. އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ.
ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގީ އާންމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެ އުޅޭ ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވައި އުޅޭ ސަރަޙައްދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗު ދަތުރުކުރީ އިރު އަރައިގެން އައި ގަޑީގައި ކަމުން، އިރުގެ ދޯދި ތަކުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން އެ މީހުންނަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނާ ކަމަށެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ހާދިސާގައި މަރުވި ބިދޭސީ މީހާ އޮތީ "ދެބުރި ވެފައި" ކަމަށެވެ.



