ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގދ. ނަޑެއްލާގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވައިފިއެވެ. މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ އެންމެ މުހިންމު މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބަނދަރު މަޝްރޫޢު:
ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވާ އައު ބަނދަރުގެ މަޝްރޫޢު މިމަހުގެ ތެރޭގައި އިޢުލާންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަނދަރު ތަރައްޤީކުރާނީ ރައްޔިތުންގެ ބޭނުންތަކަށް އށް އަމާޒުކޮށް، އުދައެރުމާއި ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ލިބޭނެ ގޮތަށެވެ.
އައު މިސްކިތް:
ނަޑެއްލާގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ އައު މިސްކިތެއް މިއަހަރުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. މިއީ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިހާރުގެ މިސްކިތުގެ ބަދަލުގައި އެޅޭނެ އައު މިސްކިތެކެވެ.
ފުލުހުންގެ ޚިދުމަތާއި އޭޓީއެމް:
ރަށުގެ ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތް މިއަހަރު ޤާއިމްކުރެއްވުމާއި، ރައްޔިތުންނަށް ފަސޭހައިން ފައިސާ ނެގޭނެ ގޮތް ހެދުމަށް އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް:
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ނަޑެއްލާގެ ސްކޫލާއި ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ މި އިޢުލާންތަކާއެކު، ނަޑެއްލާގެ ރައްޔިތުންނަށް އުފާވެރި މާދަމާއެއް ފެންނަން ފަށާފައިވެއެވެ. މި މަޝްރޫޢުތައް ފެށުމުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. ސަރުކާރުން ރައްޖޭގެ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، ތަރައްޤީގައި އާ އުސްމިންތަކަށް ގެންދިޔުމަށްޓަކައި މި އަހަރުން ފެށިގެން ލޮލަށް ފެންނަ އަދި އަތްލެވޭ ތަރައްޤީ ދައްކާނެ ކަމުގެ ޔަޤީންކަން ދީފައި ވާއިރު، މިއަދު ނަޑެއްލާ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްވި އުންމީދަކީ އެރަށު ރައްޔިތުންގެ ހިތްތައް އުފާ ކޮށްދެއްވި ކަމެކެވެ.



