މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ސިފައިން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 36،400 ފަލަސްތީނު މީހުން މަރާލާފައިވާ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ސުލްހަ ގާއިމްކުރާ ބާރުތައް ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އިންޑޮނޭޝިއާ އިން މިއަދު ބުނެފި އެވެ.
ސިންގަޕޫރުގައި ކޮންމެ އަހަރަކު ބާއްވާ އޭޝިއާ ސެކިއުރިޓީ ސަމިޓުގައި އިންޑޮނޭޝިއާގެ އިންތިހާބީ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނގުރާމަ ހުއްޓުވައި އިންސާނީ އެހީތެރިކަމާއި ސުލްހަ ގާއިމްކުރާ ބާރުތައް ޖަކާޓާއިން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިކަމުގައި އެކުވެރި ދައުލަތްތަކުން ގޮތް ނިންމުމަށް އޮކްޓޯބަރު މަހު ރިޔާސަތާއި ހަވާލުވާ ކުރީގެ އަސްކަރީ ޖެނެރަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ސުލްހައާއި ސަލާމަތާއި ހަމަޖެހުމާއި ތަނަވަސްކަން ހޯދުމަކީ އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ގުޅުންތަކުގެ ބިންގާ. މި ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ މަޝްވަރާއާއި އެއްބާރުލުން ދިނުމުން.. ޔޫއެންއިން އެއްބަސްވާނަމަ ޣައްޒާގެ ސަލާމަތަށާއި އެސަރަހައްދުގެ ސުލްހަ ބެލެހެއްޓުމަށްޓަކައި އިންޑޮނޭޝިއާއިން (ސިފައިން) ފޮނުވަން މިތިބީ ތައްޔާރަށް"
ދުނިޔޭގެ އެންމެ ގިނަ މުސްލިމުން ހިމެނޭ އިންޑޮނޭޝިއާ އަކީ މިހާތަނަށް މިމޭރުމުން ވާހަކަ ދެއްކި ހަމަ އެކަނި ޤައުމެވެ.



