ސައުދީ އަރަބިއްޔާގެ މެދުތެރޭ ޖިއްދާގެ އަލް ފައިސަލިއްޔާ ޑިސްޓްރިކްޓްގައި އިމާރާތެއް ވެއްޓިއްޖެއެވެ.
މި އިމާރާތް ވެއްޓުނު ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައެއް ނުވެއެވެ. މި ހާދިސާ ހިނގުމާއެކު އަށް މީހަކު ސަލާމަތް ކޮށްފައި ވެއެވެ.
ހުކުރު ދުވަހުގެ ފަތިހު ހިނގި މި ހާދިސާގައި ފަސް ފަންގިފިލާގެ 13 އެޕާޓްމަންޓަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގުމާއެކު ސަލާމަތީ ބާރުތަކާއި އިމަޖެންސީ ސިފައިން ވަގުތުން އެސަރަހައްދަށް ފޮނުވިއެވެ. އަދި އެ އިމާރާތުގެ ތާށިވެފައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށް، ނުރައްކާތެރި އިތުރު ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށްފައި ވެއެވެ.
މި ހާދިސާއާ ގުޅޭ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި އިމާރާތް ވެއްޓެން މެދުވެރިވީ އިމާރާތުގެ ބޭސްމަންޓްގެ މެއިންޓެނެންސް މަސައްކަތުގެ ސަބަބުން ސްޓްރަކްޗަރަލް ފެއިލްވެގެން ކަމަށް ބެލެވެއެވެ.
ބިދޭސީންނާއި ސައޫދީ ރައްޔިތުން ދިރިއުޅޭ ކުއްޔަށް ދޭ އެޕާޓްމަންޓްތައް ގިނަ އަވަށެއްގައި ހުންނަ މި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިހާރު ކުރިއަށްދާ ތަހުގީގަށް ވެއްޓުނު ސީދާ ސަބަބުތައް ދެނެގަނެ، މުސްތަގުބަލުގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުމަށް ވަށައިގެންވާ އިމާރާތްތަކުގެ ސްޓްރަކްޗަރަލް އިންޓެގްރިޓީ ދެނެގަންނާނެ ކަމަށް ވެއެވެ. އަދި ޑިސްޓްރިކްޓްގެ ސަލާމަތީ ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



