ސައުދި އަރަބިއްޔާއަށް މި އަހަރުގެ ހައްްޖުގެ އަޅުކަމަށް ވަޑައިގެންނެވި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އުމްރާކޮށް ނިމިއްޖެ ކަމަށާއި ސިއްހީ މައްސަލައެއްގެ ރިޕޯޓެއް ނުލިބޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އިއްޔެ ފުރި ހާޖީން ޢުމްރާކޮށް ނިމި، މިހާރު ތިބީ ހޮޓަލުގައި ކަމަށެވެ. އަދި ހުރިހާ ހާޖީންގެ ޙާލު ވެސް ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހޮޓަލުގައި ޚާއްޞަ ކުލިނިކް ވެސް ޤާއިމުކުރެވިފައިވާ ކަމަށާއި ޞިއްޙީގޮތުން ޚާއްޞަ ޙާލަތެއް އެއްވެސް ހާޖީއަކަށް މެދުވެރިވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް 1،000 ކޯޓާ ރާއްޖެއަށް ލިބިފައި ވެއެވެ. އެ ކޯޓާގެ ތެރެއިން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ އުސޫލުގެ ތެރެއިން، ބޮޑެތި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި އެ މީހުންގެ އެހީތެރިންނާއި އަދި 70 އަހަރުން މަތީގެ ފަރާތްތަކަށް ކަނޑައެޅުނު އެހީތެރިންނާއި އަދި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްޖަށް ގެންދާ 50 ފަރާތްތައްވެސް ހިމެނެއެވެ.
އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގައި ހައްޖުވެރިންގެ ކަންކަން ވަރަށް ފުރިހަމައަށް ވަނީ އިންތިޒާމު ކޮށްފައެވެ، އެގޮތުން ހައްޖާޖީން އެމްޓީސީސީގެ ބަސްތަކުގައި އެއާޕޯޓަށް ގެންގޮސްދިނުމާއި ލަގެގްތައް އުފުލުމުގެ އިތުރުން އެއާޕޯޓު ތެރޭގައިވެސް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި. ސަރުކާރުގެ ކުންފުނިތަކާއި، ގާލްގައިޑް އެސޯސިއޭޝަން، ސްކައުޓް އެސޯސިއޭޝަން، ކެޑޭޓްކޯޕްސްގެ އިތުރުން ޖަމިއްޔާތަކުން ވަނީ ފޯރިކޮށްދީފައެވެ.
ރާއްޖޭގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަކަށްް ބަހާލައިގެންނެވެ. ފުރަތަމަ ހައްޖުވެރިންގެ ގްރޫޕް އިއްޔެ ވަނީ ފުރާފައެވެ. އެ ގްރޫޕުގައި 298 ހައްޖުވެރިން ފުރިއެވެ.
ދެވަނަ ގްރޫޕުގައި 3 ޖޫން (ހޯމަ ދުވަހު) 353 ހައްޖުވެރިން ފުރާނެއެވެ. އަދި ތިންވަނަ ގްރޫޕުގައި 7 ޖޫން (ހުކުރުދުވަހު) 339 ހައްޖުވެރިން ފުރާނެއެވެ.
ރާއްޖެއިން މި އަހަރު ހައްޖަށްދާ 1000 މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުންނެވެ.



