މާލެ ސިޓީ ކައުންސިލަށް ތިން މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން އަންނަ މަހު 20ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އީސީން ކުރި އިޢުލާނުގައިވަނީ މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާ ހިމެނޭ ގޮތަށް ކައުންސިލްތަކުގެ އަށް ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބައި-އިލެކްޝަންގައި މާލެ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާ ތިން ދާއިރާއަކީ:
- މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހުޅުމާލެ ދާއިރާ)
- މާލެ ސިޓީ ކައުންސިލްގެ މެންބަރު (މައްޗަންގޮޅި މެދު ދާއިރާ)
- މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ހުޅަނގު ދާއިރާ)
މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހުސްވެފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ އިތުރަށް ބައި-އިލެކްޝަންގައި ވާދަކުރަން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:
- ޅ އަތޮޅު ކައުންސިލް ރައީސް
- ފ. ބިލެތްދޫ ކައުންސިލް ރައީސް
- ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)
- ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
- ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)
އީސީން ކުރި އިއުލާނުގައި ވަނީ ބައި-އިލެކްޝަން ބާއްވާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މިމަހުގެ 14 ވާ ހުކުރު ދުވަހުގެ 16:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ވޯޓުލުން ކުރިޔަށްދާނީ އަންނަ މަހު 20ގެ 8:00 އިން 16:00 އަށް ކަމަށް އީސީން މައުލޫމާތު ދެއްވައެވެ. އިތުރަށް ވިދާޅުވެފައިވާގޮތުން ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައި ނުވެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22ގައެވެ.



