ފަލަސްތީނަށް އެހީދޭން ތައްޔާރަށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
މިއަހަރުގެ ވޯލްޑު ހެލްތު އެސެމްބުލީގައި ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ތަޤުރީރު ކުރައްވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޚިލާފަށް އެތައް ކަމެއް ފަލަސްތީނާއި ދެކޮޅަށް ހިނގަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
ސިއްހަތަކީ އިންސާނީ ހައްގެއް ކަމުގެ އުސޫލުތައް ހިއްސާކުރި ނަމަވެސް، ހަނގުރާމައިގެ ސަރަހައްދުތަކުގައި އާއި ހާއްސަކޮށް ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ދަތި އުނދަގޫތައް ތަހައްމަލްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"އާންމުންގެ ފުރާނައަށް ގެއްލުންލިބި، ސިއްހީ މަރުކަޒުތައް ހަލާކުވެ ނެތި ދިއުމަކީ ބޮޑު ކަންބޮޑުވުމެއް،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އިންސާނީ ހައްގުތަކާއި ސިއްހީ ހިދުމަތްތައް ހިމާޔަތްކުރުމަކީ ހުރިހާ ގައުމުތަކަށް ވެސް ކުރުން މުހިންމު ކަމެއް ކަމަށާއި އިސްރާއީލު ހިމެނޭ ގޮތަށް އެއްވެސް ގައުމަކާއި އެއްވެސް ސަރުކާރެއްގެ އަމަލުތަކަށް ފާޑު ކިޔުމަކީ ތަފާތު ކުރުމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަން ހުރިހާ ގައުމުތަކުންވެސް ޣައްޒާގައި އުފެދިފައިވާ އިންސާނީ ދަތިކަން ހައްލުކުރަން މަސައްކަތްކޮށް، ސުލްހަވެރި ގަރާރުތަކަށް ކުރާ މަސައްކަތްތަކަށް ތާއީދު ކުރުމަށް،". ވަޒީރު ވިދާޅުވިއެވެ.
ވޯލްޑު ހެލްތު އޯގަނައިޒޭޝަން ނުވަތަ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފަލަސްތީނަށް ދެމުންދާ އެހީ އިތުރުކޮށް، ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
77ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ކުރިއަށް ދިޔައީ ސުވިޓްޒަލޭންޑުގެ ޖެނީވާގައެވެ.



