ރ. މީދޫގައި އިއްޔެ ބޭއްވުނު ހާއްސަ ފުޓްބޯޅަ މެޗެއްގައި އިޓަލީގެ ކުރީގެ ތަރި މާކޯ ޑިވާއިއޯ ބައިވެރިވެއްޖެއެވެ. މި މެޗު ބޭއްވުނީ އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބޮލޯނިއާ އާއި ހެރިޓެންސް އާރަށް ރިޒޯޓުގެ ޕާޓްނާޝިޕެއްގެ ދަށުންނެވެ.
މީދޫގެ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ އެ ރަށު ޖަމިއްޔަތުލް ސަލާހުގެ ވެޓްރަންސް ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންނެވެ. ޑިވާއިއޯ ކުޅުނީ ވެޓްރަންސް ކުޅުންތެރިންގެ ޓީމަށެވެ. މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި މެޗަކީ ބޮލޯނިއާ އާއި ހެރިޓެންސް އާރަށް ރިޒޯޓުގެ ޕާޓްނާޝިޕުގެ ދަށުން ރާއްޖޭގައި ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ޕާޓްނާޝިޕުގެ ދަށުން ހެރިޓެންސް އާރަށް ރިޒޯޓުގެ އިސްތިހާރު ބޮލޯނިއާގެ ސްޓޭޑިއަމުން ފެންނާނެއެވެ.
ޑިވާއިއޯ އަކީ އިޓަލީގެ މަޝްހޫރު ކްލަބްތަކުން ކަމުގައިވާ ޕާމާ، ޔުވެންޓަސް އަދި ބޮލޯނިއާ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. މިހާރު އޭނާ އަދާކުރަނީ ބޮލޯނިއާގެ ޓީމު މެނޭޖަރުގެ މަޤާމެވެ.
މެޗަށް ފަހު ޑިވާއިއޯ ވަނީ ބޮލޯނިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީއެއް ޖަމިއްޔަތުލް ސަލާހަށް ހަދިޔާކޮށްފައެވެ.



